8 މާޗް 2018 ވަނަ ދުވަހަކީ ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ އެންމެމުހިންމު ބޭނުމަކީ ޤައުމީތަރައްޤީގައި އަންހެނުންގެ ދައުރު ފުޅާކުރުމެވެ. އެބައި މީހުން މިހާރު ކުރަމުން އަންނަ ޚިދުމަތްތަކާއި، މީގެކުރިން ކޮށްފައިވާ ޚިދުމަތްތައް ފާހަގަކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމެވެ. އަދި ފިރިހެނުންނާއި އެއްހަމައެއްގައި ފައިހަމަކުރުމެވެ. ޚާއްޞަކޮށް އިޤުތިޞާދީ، އިޖްތިމާޢީ، ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރުމެވެ. ހަމައެފަދައިން އަންހެނުންނަށް ކުރެވޭ އަނިޔާތައް ހުއްޓުވާ އެބައި މީހުންނަށް ލިބެންޖެހޭ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދިނުމެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ކަމުގައި ވަނީ 1911 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގައި މިދުވަސް ފާހަގަކުރާ 30 ވަނަ ފަހަރެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރާއިރު މަޖީދިއްޔާ ސްކޫލަށް ލިބޭ އެންމެ ބޮޑު އުފަލަކީ މިސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހުރުމެވެ. އަދި މިސްކޫލުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން %90 އިންސައްތައަކީ އަންހެން ބޭފުޅުން ކަމުގައި ވުމެވެ. އަންހެން ބޭފުޅުން ޤައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބަރަކާތްލައްވައި ކާމިޔާބު ދެއްވާށިއެވެ.
މި ދުވަހާއި ގުޅިގެން ޚާއްޞަ އެސެންބުލީއެއް ބެއްވުނެވެ. މި އެސެންބުލިގައި ދުވަހާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ ކޭކެއް ފެޅުމާއި، ކޮންމެ އަންހެން ބޭފުޅަކަށް، ދުވަހާ ގުޅޭ މަލެއް ހަދިޔާ ކުރުން އޮތެވެ. އަދި ދުވަހާއި ގުޅިގެން ޕްރިންސިޕަލް ޚާއްޞަ މެސެޖެއް އިއްވުނެވެ. މީގެއިތުރުން ދަރިވަރެއްގެ ޝުޢޫރު ފާޅުކުރެވުނެވެ. މި އެސެންބުލީގެ ހުރިހާ ކަމެއްގައި އުޅުއްވާފައި ވަނީ އަންހެން ބޭފުޅުންކަން ފާހަގަކުރަމެވެ.